ކައުންސިިލް
މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.
ލ. އަތޮޅުގެ ދެކުނު ސަރަޙައްދުގައި ވަޒަންވެފައިވާ މާމެންދޫއަކީ، އޭގެ ކުޑަކުޑަ ބިމުގައި ފުރާފުރިހަމަ އާބާދީއެއް އުފެދިފައިވާ ރަށެކެވެ. މި ރަށުގެ ޖުމްލަ އާބާދީއަކީ ގާތްގަނޑަކަށް 1370 މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅެމުން ދަނީ ރަޖިސްޓްރީކޮށްފައިވާ އަބާދީގެ %64 އިންސައްތަ މީހުންނެވެ. ބިމުގެ ބޮޑުމިނުގެ ގޮތުން ބަލާއިރު، މާމެންދޫއަކީ އެންމެ 23.6 ހެކްޓަރުގެ ބިމާއެކު ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށެވެ.
މާމެންދޫގެ ވަށައިގެންވާ ސަރަޙައްދުގައި ހިމެނޭ މުހިންމު ތަންތަނުގެ ތެރޭގައި، އެންމެ ކައިރީގައިވާ ފަޅުރަށް ކަމުގައިވާ ހުޅިމެންދޫ، އެންމެ ކައިރީގައިވާ ރިސޯޓް ކަމުގައިވާ ސިކްސް ސެންސަސް ލާމު، އަދި އެންމެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށް ކަމުގައިވާ ހިތަދޫ ހިމެނެއެވެ. މީގެ އިތުރުން، މާމެންދޫއާ އެންމެ ކައިރީގައިވާ ވައިގެ ބަނދަރު ކަމުގައިވާ ކައްދޫ އެއަރޕޯޓް ހުރީ ގާތްގަނޑަކަށް 15 ކިލޯމީޓަރު ދުރުގައެވެ.
ދަތުރުފަތުރުގެ ނިޒާމުގެ ގޮތުން، ރަށުގެ ރައްޔިތުން މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ކަނޑު ދަތުރުފަތުރުގެ ވަސީލަތްތަކަށެވެ. މީގެ ތެރޭގައި އަމިއްލަ ލޯންޗުފަހަރާއި، ހަފްތާއަކު ހަދުވަހު އަތޮޅު ވެރިކަންކުރާ ރަށަށް ދަތުރުކުރާ ސަރުކާރުގެ ފެރީ ހިމެނެއެވެ. އަދި މާލެއަށް ދަތުރުކުރުމަށް ކައްދޫ އެއަރޕޯޓް ބޭނުންކުރެވެއެވެ.
1990 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން، ލ. މާމެންދޫ ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ މަޤާމެއް ޙާޞިލުކޮށްފައެވެ. މިއަދުވެސް ރަށުގެ އިޤްތިޞާދުގެ މައިގަނޑު ތަނބު ކަމުގައި ދެމިއޮތީ މަސްވެރިކަމެވެ. މީގެ އިތުރުން، ދޯނިފަހަރު ބަނުމުގެ ސިނާޢަތުވެސް ރަށުގައި ކުރިއަރަމުން އަންނަކަން ފާހަގަކުރެވެއެވެ.
މާމެންދޫއަކީ މާލެއާއި ދެކުނު އަތޮޅުތަކާ ދެމެދު ދަތުރުފަތުރުކުރާ ފަރާތްތަކަށް ޚާއްޞަ މުހިންމުކަމެއް ލިބިފައިވާ ރަށެކެވެ. މި ރަށުގައި ޤާއިމުކުރެވިފައިވާ ޚިދުމަތްތަކާއި ވަސީލަތްތަކުގެ ސަބަބުން، ގިނަ ދަތުރުވެރިން މަޑުކޮށްލުމަށް އިޚްތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި މާމެންދޫ ވަނީ މަޝްހޫރުވެފައެވެ.
ތަސައްވަރު
ކައުންސިލްގެ ތަޞައްވުރަކީ ކައުންސިލްގެ އެކްޝަން ޕްލޭނާއި އެއްގޮތަށް ކައުންސިލް ކުރުމަށް ރާވާފައިވާ ކަންތައްތައް ކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކައުންސިލްގެ ހިންގުން ކުރިއަށް ގެންދިއުމަށާއި ރަށުގެ ތަރައްޤީއަށާއި ރަށުގެ ކުރިއެރުވުމަށް ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ދިވެހިރާއްޖޭ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒްކުރުމަށްޓަކައި ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމެވެ. އަދި ރަށުގެ ކުރިއެރުވުމަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ސަރުކާރުގެ އެހެނިހެން އިދާރާތަކުންނާއި ކުންފުނި، ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ އެކިއެކި ޚަރަކާތްތަކަށާއި ޚިދުމަތްތަކަށް ކައުންސިލުން އެއްބާރުލުންދީ އަތޮޅު ނަމޫނާ ކައުންސިލަކަށް ކައުންސިލް ހެދުމެވެ.
މިޝަން
ކައުންސިލްގެ މިޝަންއަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ވަކިއަތަކަށް ނުޖެހި ވަކި ކުލައަކަށް ނުބަލައި ރަތްޔިތުންގެ އިޚްސާސްތައް ދެނެގަނެ ރައްޔިތުން ޤަބޫލުކުރާފަދަ ޚިދުމަތްތަކެއް ދިނުމާއި އަދި ރަށުގެ ތަރައްޤީއާއި ރަށުގެ ކުރިއެރުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުމެވެ.